އެޑްވާންސް ހަދާ ފެމެލީ ހެލްތް ވޯކަރުންނަށް އެއްވެސް ކުރިއެރުމެއް ނުލިބިފައި
ކޮލެޖުން ހިންގާ އެޑްވާންސް ސެޓްފިކެޓް އިން ފެމެލީ ހެލްތް ކޯސްހަދާ ފެމެލީ ހެލްތް ވޯކަރުންނަށް އެއްވެސް ކުރިއެރުމެއް ދޭކަށް ޞިއްޙީ ދާޢިރާގެ އިސްވެރިން ބޭނުންފުޅެއް ނުވެއެވެ. މިހެން ދަންނަވަން ޖެހުނީ މިކޯހުގެ މިހާތަނަށް 2 ބެޗް ނިމި މިހާރު 3 ވަނަ ބެޗް ކުރިއަށް ދާއިރުވެސް މިކަމަށް އެއްވެސް ސަމާލުކަމެއް އެބޭފުޅުން ދީފައި ނުވާތީއެވެ. އެބޭފުޅުން މިގޮތަށް ބޭނުންވަނީ މިހާތަނަށް ރާއްޖޭގެ ޞިއްޙީ ދައިރާގައި އިސްކޮށް ހަރަކާތްތެރިވެފައިވާ ހެލްތް ވޯކަރުންތައް މިދާއިރާއިން ބޭރުކޮށް ފައްސާލުމުގެ ޕްރޮޖެކްޓްގެ ދަށުންނެވެ. މިގޮތުން މިހާރު އެންމެ އަވަހަށް ފައްސާލުމަށް ހަމަޖެހިފައިވަނީ ފެމެލީ ހެލްތް ވޯކަރުންނެވެ. ހަޤީޤަތުގައި މިހާރު މެޑިކަލް ސާރވިސްގައި އާއި ޕަބްލިކް ހެލްތްގައި އިސްކޮށް ތިއްބެވި ޑޮކްޓަރުންނާއި ނަރުހުންކަމަށްވެފައި އެބޭފުޅުން ބޭނުންފުޅުވެލައްވަނީ ރާއްޖޭގެ ރައްޔިތުންގެ ރުހުމާއި ލޯބި އަދި “ސަޕޯރޓް” އެންމެ ބޮޑަށް ލިބެމުންދާ ހެލްތް ވޯކަރުންގެ ބަދަލުގައި ޑޮކްޓަރުންނާއި ނަރުހުން ބޭތިއްބުމެވެ.
އަޅުގަނޑަށް މައުލޫމާތު ލިބިފައިވާގޮތުގައި އެޑްވާންސް ހަދަމުންދާ ފެމިލީ ހެލްތް ވޯކަރުން، ކޯސްހަދަމުން ދިޔަ ދުވަސްވަރު ތަފާތު ފެންވަރުގެ ވެރިންނާއި ބައްދަލުކޮށް ތަފާތު ފެންވަރުގެ ބައްދަލުވުންތައް ބާއްވާފައި ވާކަމަށްވެއެވެ. އަދި މިބައްދަލުވުންތަކުގައި ފެމިލީ ހެލްތް ވޯކަރުން ވައިވެއްދުމަށް ތަފާތު ގޮތްގޮތަށް ފޮނި ހުވަފެން ދައްކާ ހަދައެވެ. ކޯސްނިމި ވަޒީފާއަށް ނެރުމަށްފަހު ހަނދާންނައްތާލައެވެ. މިކޯހުގެ ފުރަތަމަ ބެޗް ނިމުނުތާ މިހާރު 2 އަހަރު ދުވަސް ވީއެވެ. އަދިވެސް ހަމަ އެއްކަލަ ހުވަފެން ބެލުމުގައި ފެމެލީ ހެލްތް ވޯކަރުންތައް ތިބީ ނިދާފައެވެ.
Maldives Health Workers



